ކުޅުދުއްފުށި ސިޓީގައި އިތުރު 2000 ހައުސިން ޔުނިޓު ހަދައި، ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީގައި ހަދާ ހައުސިން ޔުނިޓުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވަނީ، ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި ޖުމުލަ 3400 ހައުސިން ޔުނިޓު ހަދަން މިހާރު ސޮއިކުރެވިފައިވާ ކަމަށާއި އެއީ ކުރިން ސޮއިކުރެވުނު 1000 ހައުސިން ޔުނިޓާއި މިރޭ ސޮއިކުރެވުނު 2000 ހައުސިން ޔުނިޓު އަދި މަސައްކަތް ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓު ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވި އިރުގައި، އެކި ސަބަބުތަކާ ހެދި ކުރިއަށް ނުގޮސް އޮތް 400 ޔުނިޓުގެ މަޝްރޫއު، ވަރަށް ގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވި މިދިޔަ ހުރިހާ ދުވަހެއްގެ ތެރޭގައި އެ މަޝްރޫއު ރީސްޓާޓް ކުރަން، ނޫނިއްޔާ ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތެއް ހަދަން. މިހާރު އެ ހުރިހާ މަރުހަލާއެއް ކަނޑައްތުކުރެވި، އަޅުގަނޑުމެން އެޗްޑީސީއާ މި ހަވާލުކުރެވުނީ އެ މަޝްރޫއު. އޭގެ އިތުރަށް 2000 ހައުސިން ޔުނިޓު އެޅުމަށް ވެސް މި ހަވާލުކުރީ އެޗްޑީސީއާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޗްޑީސީގެ ޒިންމާއަކަށް ވާނީ، އެއްބަސްވުމުގެ ތެރެއިން އެ ދެ މަޝްރޫއު ވަރަށް އިސްކަމެއްދީގެން ކުރިއަށްގެންދިއުން ކަމަށާއި 2000 ހައުސިން ޔުނިޓުގެ ތެރެއިން 700 ހައުސިން ޔުނިޓު ހާއްސަކުރާނީ، އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި ހައުސިން ޔުނިޓެއް ހަދަން ބޭނުންވާ މީހުންނަށް ކަމަށެވެ.

"އެހެންވީމާ 700 ޔުނިޓު، އެއިން ކޮންމެ ޔުނިޓަކީ ތިން ކޮޓަރީގެ ގެއެއް. މި 700 ޔުނިޓު މި ހާއްސަކުރަނީ ތިބޭފުޅުންގެ ތެރެއިން އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންނަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލާއި މިނިސްޓްރީ އަދި އެޗްޑީސީއާ ގުޅިގެން އެ 700 ޔުނިޓު އައިޓެންޑިފައިކޮށް ނިމުނުހާ އަވަހަކަށް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.