ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖޭގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ބޭންކުގެ ދެވަނަ ބްރާންޗުގެ ބިންގާ އަޅައިފިއެވެ.​​​

އެކަމަށްޓަކައި ކުޅުދުއްފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލުން ބުނީ ​​​ކުޅުދުއްފުށީގައި ގާއިމުކުރާ އެ ބްރާންޗު ވެގެންދާނީ އެ ބޭންކުގެ ބިޒްނަސް ސެންޓަރަށް ކަމަށާއި އެއީ ކުޅުދުއްފުށި ސިޓީ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކުރެވޭ ބިޒްނަސް ސެންޓަރެއް ކަމަށެވެ.

ކުޅުދުއްފުށީގައި ގާއިމުކުރާ އެ ބްރާންޗު ވެގެންދާނީ ބީއެމްއެލްގެ ތިންވަނަ ބިޒްނަސް ސެންޓަރަށެވެ. މިވަގުތު ބީއެމްއެލްގެ ބިޒްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ.​​​

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކުގެ ހިދުމަތްތައް ފުޅާކުރަމުންދާ އިރު، އެ ބޭންކުން ދަނީ ކުޅުދުއްފުށި ސީޓީ ފަދަ، ސަރަހައްދުގެ މައި މަރުކަޒުތަކަށްވެސް އިސްކަންދެމުން ކަމަށެވެ.

"މިއަދު ވިޔަފާރިތަކަށް ހާއްސަ ބްރާންޗެއްގެ ބިންގާ އެޅުމަކީ މި ސަރަހައްދުގެ ވިޔަފާރި މުޖުތަމަޢަށް ބޭނުންވާ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެނަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.

މިއަދު ބީއެމްއެލުން ވަނީ ހދ. ނޮޅިވަރަންފަރުގައި އާ ބްނާންޗެއް ހުޅުވައި، ވައިކަރަދޫ އަދި ނޭކުރެންދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފައެވެ.

​​​މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 154 ސެލްފްސާވިސް ބޭންކިން ސެންޓަރު، 213 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.