ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަަމަލުކުރަން ފެށުމާއެކު ގާނޫނު ތަންފީޒުކުރުމަށް ހާއްސަ މަަސައްކަތްތަކެއް ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށީ އިއްޔެއެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ގާނޫނު ތަންފީޒު ކުރުމުުގެގޮތުން ރާއްޖޭގެ ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް މޮނިޓާކޮށް، ކޮންޓްރޯލް ކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕުތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް، އެ ކުދިންގެ މައްޗަށް ރައްކާތެރި ކުރުމުގެ އަމުރު ނެރުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށެވެ.

އަދި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގްރޫޕުތަކުގެ ރިޕޯޓުތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ހަމަ އެއާއެކު އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ، ދައުލަތަށް ނެގުމުގެ މަސައްކަތާއި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްޓްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕުތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި، އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާނެ ފިޔަވަޅުތައް ކަމަށެވެ.