އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަން (އައިސީއެފް) އިން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވެފައިވާ ކެރަމް ވޯލްޑް ކަޕް 2026، މިއަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

ކޭމްއިން މިއަދު އެ މުބާރާތުގެ ރަސްމީ ލޯގޯ އާއްމުކޮށް، މުބާރާތް ބާއްވާނެކަން އިއުލާނުކުރުމަށް ހ. ބޯޅަގޭގައި ހާއްސަ އިވެންޓެއް ބާއްވާފައިވެއެވެ. އިވެންޓް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަަރު، އަބްދުﷲ ރާފިއުއެވެ.

އެންމެފަހުން މިދިޔަ އަހަރު ކެރަމް ވޯލްޑް ކަޕް ބާއްވާފައި ވަނީ އެމެރިކާގެ ސެން ފްރެންސިސްކޯގައެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ބާއްވާފައި މެދުކެނޑުމަކަށްފަހުއެވެ. މިދިޔަ އަހަރުގެ ކުރިން އެންމެފަހުން ކެރަމް ވޯލްޑް ކަޕް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ބޭއްވީ ދެކުނު ކޮރެެއާގައެވެ.

އެމެރިކާގައި ބޭއްވި، ހަވަނަ ކެރަމް ވޯލްޑް ކަޕުގައި އެންމެ ކާމިޔާބި ޓީމަކީ އިންޑިއާ ނަމަވެސް، އެ މުބާރާތުގައި ރާއްޖެވެސް ވަނީ ވިދާލައިފައެވެ. އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓުންވެސް ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން ދުނިޔޭގެ ކެރަމްގައި ރާއްޖެއަކީ އަބަދުވެސް ފާހަގަކޮށްލެވޭ ގައުމެކެވެ.

1 ސެޕްޓެމްބަރ 2025، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވުމަށް އިއުލާނުކުރުމަށް ބޭއްވި އިވެންޓްގައި ރާއްޖޭގެ ކެރަމް ކުޅުންތެރިޔާ ނައުފާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަދު ބޭއްވި އިވެންޓްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ބައިނަލްއަގުވާމީ އެންމެ މަތީފަންތީގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި، ކެރަމް ވޯލްޑް ކަޕުންވެސް ރާއްޖެއަށް ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ.

މިއަދުގެ އިވެންޓްގައި ކެރަމް އެސޯސިއޭޝަންގެ ފަރާތުން ރައީސް އިބްރާހީމް ރަޝީދާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ރައުޝާން ބައިވެރިވެރިވަޑައިގެންފައިވާ އިރު، އެސޯސިއޭޝަނުން ބުނީ މުބާރާތް އެންމެ ފުރިހަމަކަމާއެކު އިންތިޒާމުކުރުމަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކެރަމް އެސޯސިއޭޝަނުން މީގެ ކުރިންވެސް ކާމިޔާބުކަމާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާފައިވާ އިރު، އެ އެސޯސިއޭޝަނުން 2014 ވަނަ އަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕުވެސް ހޯސްޓް ކުރިއެވެ.

1 ސެޕްޓެމްބަރ 2025، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވުމަށް އިއުލާނުކުރި އިވެންޓްގެ ތެރެއިން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ރައުޝާން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ދުނިޔޭގެ މައި ޖަމިއްޔާއާއި ރާއްޖޭގެ ކެރަމް ފެޑަރޭޝަނާ އަބަދުވެސް ގުޅުން ރަނގަޅުކޮށް ފެނިގެންދާ އިރު، މިދިޔަ އަހަރު ބޭއްވި ކެރަމް ވޯލްޑް ކަޕްގެ ހަވާސާގައި ކުރިއަށް ގެންދިޔަ އިންޓެނޭޝަނަލް ކެރަމް ފެޑަރޭޝަންގެ އިންތިހާބުގައި ރާއްޖޭގެ ރައުޝާން ވަނީ ދުނިޔޭ ޖަމިއްޔާގެ ނައިބު ރައީސަކަށްވެސް އިންތިހާބުވެފައެވެ.