ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރު ވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅޭ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލުން ބުނީ އެފެކްސްގެ ބޭނުމަކީ ދިމާވެދާނެ އިމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އިމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަމަށެވެ.

އެ ހަރަކާތް މި އަހަރު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ އަށެއް ގައެވެ.

"އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސަސް (އޭއީއެސް) އިން ފުލުހުންނަށް ހިންގި ތަމްރީން ޕްރޮގްރާމުގައި އެއާޕޯޓުގައި މިހާރު ހަދާފައިވާ އިމަޖެންސީ ޕްލޭންއާއި އެ ޕްލޭން ތެރޭގައި ހުރި މުއައްސަސާތަކުގެ ޒިންމާތަކާއި އިމަޖެންސީ ހާލަތެއްގައި އެއާޕޯޓްގައި ހިންގަން ފަށާ އިމަޖެންސީ ވަސީލަތްތައް އަދި އެއާޕޯޓުގައި ގާއިމުކޮށްފައިވާ އިންސިޑެންޓް ކޮމާންޑް ސްޓްރަކްޗާއާ ގުޅޭ މައުލޫމާތު ދީފައިވޭ." އެމްއޭސީއެލުން ބުންޏެވެ.

އޭގެ އިތުރުން އިމަޖެންސީ ހާލަތުގައި ފުލުހުންގެ ދައުރު ފާހަގަކޮށްދީފައިވެއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ފުލުހުންގެ ކަމާ ގުޅޭ ހުރިހާ ޑިޕާޓްމަންޓަކުން އެކި ފަންތީގެ 86 ފުލުހުން ބައިވެރިވެފައިވެއެވެ.

26 އޮގަސްޓު 2025: ވީއައިއޭގެ އެމަޖެންސީ ހާލަތައް ތައްޔާރުވުމަށް ފުލުހުންނަށް އަމާޒުކޮށްގެން އެފެކްސްއިން ކުރިޔަށްގެންދިޔަ ހާއްސަ ތަމްރީނު ޕްރޮގްރާމް --- ފޮޓޯ/އެމްއޭސީއެލް

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

އެ ހަރަކާތަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެމްއޭސީއެލުން އަންނަނީ ކަމާގުޅޭ އިދާރާތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން އެއާޕޯޓުގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓްތަކަށާއި މާލޭގެ ހުރިހާ ހޮސްޕިޓަލްތަކަށާއި މިނިސްޓްރީ އޮފް ހެލްތް އަދި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އޮފިޝަލުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފައިވެއެވެ.

ވީއައިއޭގައި އެފެކްސްގެ ހަރަކާތެއް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެއާޕޯޓުގެ އެކި ދާއިރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނޭ ގޮތުން 30 އިދާރާއަކުން 400 އަށްވުރެ ގިނަ ފަރާތުން އެ ހަރަކާތުގައި ބައިވެރިވިއެވެ.