އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމުގެ މިއަހަރުގެ ބާކީ އޮތް ދައުރަށް ރާއްޖެ ހޮވައިފިއެވެ.

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވާފައިވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ކޮންގޯ، ރޮމޭނިއާގެ އިތުރުން ޗިލޭގެ މަންދޫބުންނެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް ރާއްޖޭގެ މަންދޫބަކު ހޮވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއަކީ، ހަރުއަޑުން ވަކާލާތުކުރާ ގައުމެއް ކަމަށެވެ.

"މިއީ ރާއްޖެއަށް ލިބުނު ފަހުރެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭން މީގެ ކުރިން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަން ކޮށްފައެވެ. އެގޮތުން 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ރާއްޖެއިން އަދާކޮށްފައިވެއެވެ.