ހދ. ނޮޅިވަރަމް ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ނޮޅިވަރަމްގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ ދެ މަޝްރޫއުގައި ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ނޮޅިވަރަމް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީއާ ހަވާލުކުރީ 85,444,168.68 (85.4 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ނޮޅިވަރަމްގެ އިރުމަތީ ފަރާތުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނިންމަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • އާ ބަނދަރު ފުންކުރުން
  • ނެރު ފުންކުރުން
  • 362 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ ޖެހުން
  • 238 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން
  • 90 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން
  • 394 މީޓަރުގެ އެއްގަމު ތޮށި ޖެހުން
  • 12 މޫރިންގް ބޮއި ހަރުކުރުން
  • 11x11 މީޓަރުގެ ރޭމްޕް ހެދުން
  • ދެ ނެރު ބައްތި ހަރުކުރުން
  • 14 މަގު ބައްތި ހަރުކުރުން
  • 1,895 އަކަމީޓަރު ޕޭވްމެންޓް ޖެހުން

ނޮޅިވަރަމް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 52،955،804.16 (52.9 މިލިއަން) ރުފިޔާއަށް، 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ނޮޅިވަރަމް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ނޮޅިވަރަމް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ނިންމަން ހަމަޖެހިފައިވާ މަސައްކަތްތައް:

  • ރިވެޓްމަންޓް އޭ: 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް
  • ގްރޮއިން: 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން (4 ވައި ގްރޮއިން)