ހދ. އަތޮޅުގައި ނާގޯށި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ އަތޮޅު ނާގޯއްޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނު ވަޑައިގެންނެވީ ނާގޯށި ރިސޯޓު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ ރަސްމިއްޔާތުގައި ނާގޯށި ރިސޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރެވެ.
ރައީސް މުއިއްޒު، މިއަދު ހދ. ނެއްލައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި ސަރުކާރުން ހދ. އަތޮޅުގެ ތަރައްގީއަށް އިސްކަންދީގެން ކުރަމުންދާ ކަންކަމުގެ ތެރޭގައި އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުން ކަމަށެވެ. މި ސަރުކާރުން ވަނީ ހދ. އަތޮޅުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ މި އަތޮޅުގައި އަޅުގަނޑުމެން ޓޫރިޒަމް ފައްކާކުރުމަށްޓަކައި ވަރަށް ގިނަ، ވަރަށް ގިނަ ކަންކަން އެބަކުރަން. އަޅުގަނޑުމެންނަށް ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް އޭގެ ނަތީޖާ ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކަށް މިހާތަނަށް އައި އިރު، ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރަން މުހިންމު ފިޔަވަޅުތަކެއް އަޅައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހުއްޓިފައިވާ ނާގޯށީގެ މަސައްކަތް ހަވާލުކޮށްފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނާގޯށީގެ މަސައްކަތް، އެމްޓީސީން ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތަށް އެހީވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިސާ ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ މި އަތޮޅުގައި މިހާތަނަށް މިއޮތް ޓޫރިޒަމް ނެތި މިދާ ލޭބަލް ކަނޑުވައިލަދީ ޓޫރިޒަމް ފައްކާކަމާ އެކީގައި ހިނގާ އަތޮޅަށް ހެދުން،" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް