ހދ. ނެއްލައިދޫގެ އާ ސިއްހީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ސިއްހީ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒުމް އިބްރާހީމާއި ސިއްހީ މަރުކަޒުގެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސަައުދީއެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ނާޒިމް، އަހުމަދު ސައުދީގެ އިތުރުން ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރުންގެ އިތުރުން ސަރުކާރު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11 މިލިއަން ރުފިޔާއަށެވެ. އާ ސިއްހީ މަރުކަޒަކީ ތިން ފަންގިފިލާ އިމާރާތް ކުރާނެއެވެ. އަދި 10 އެނދުގެ ވޯޑަކާއި، ލެބޯޓަރީއަކާއި، ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން އެހެން މުހިންމު ވަސީލަތްތައް ގާއިމުކުރާނެއެވެ.

25 އޮގަސްޓު 2025، ހދ. ނެއްލައިދޫގެ އާ ސިއްހީ މަރުކަޒުގެ ބިންގާ އެޅުމުގެ ރަަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ނެއްލައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ރަށުގެ ސިއްހީ ހާލަތު ރަނގަޅުވެގެންދާނެ ކަަމަށާއި ސަރުކާރުގެ އަމާޒަކީ އެތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.