އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ދީފިއެވެ.

އުރީދޫ މޯލްޑިވްސްއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިފައިވަނީ، ވިޔަފާރިއާއި އިގުތިސޯދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ރޮނގުންނެވެ.

ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި އުރީދޫ މޯލްޑިވްސްއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

އުރީދޫން ބުނީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބުމުން ފަހުރުވެރިވާ ކަމަށާއި އެ އިނާމުގެ ހައްގުވެރިންނަކީ، އެ ކުންފުނީގެ ދަތުރުގެ ބައިވެރީންގެ ގޮތުގައި ތިބި ޕާޓްނަރުންނާއި ކަސްޓަމަރުން ކަމަށެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ވަނީ ދީފައެވެ. އަދި އުރީދޫގެ އިތުރުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް ދިނެވެ.

ޝަރަފުގެ އިނާމު ލިބުނު ފަރާތްތައް:

  • އިސްލާމް ދީނަށް ހިދުމަތްކުރުމުގެ ދާއިރާ - އައްޝައިހް އިސްމާއިލް މުހައްމަދު
  • އިމާރާތްކުުރުމުގެ ދާއިރާއިން - މުހައްމަދު މައުރޫފް ޖަމީލް
  • ޕާފޯމިން އާޓްސް - މުހައްމަދު މާޖިދު

މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނު ފަރާތްތައް:

  • ދިވެހި ބަހާއިި އަދަބިއްޔާތުގެ ދާއިރާއިން ފޮތްލިޔެ ޝާއިއުކުރުމުގެ ރޮނގުން - ހުސްނާ ފަހުމީ
  • ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން - އިއްޒަތު އަހްމަދު ނިޒާރު
  • ސިއްހީ ދާއިރާއިން ސިއްހީ ހޭލުންތެރކަން އިތުރުކުރުވުމުގެ ރޮނގުން - ޑރ. އަބްދުލް އަޒީޒް ހަމީދު
  • ސިއްހީ ދާއިރާއިން ދިވެހި ބޭސްވެރިކަމާއި އެ މަސައްކަތް ތަރައްގީކުރުން - އާމިރާ ސުލައިމާން
  • އިޖުތިމާއި ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމުގެ ރޮނގުން - ފާތިމަތު އިބްރާހިމް
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން - އަހްމަދު ވަހީދު އަލީ
  • ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ދާއިރާއިން - އުރީދޫ
  • މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްކުރުމާއި އެ މަސައްކަތްކުރިއެރުވުމުގެ ރޮނގުން - އަލީ މުއްދީން
  • މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮމްޕިއުޓާ ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން - މުހައްމަދު ޖައިލަމް
  • އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން - ޒަހިއްޔާ މުހައްމަދު

ސަރުކާރުން ދެމުންގެންދާ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.