ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ފިނޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފިއެވެ.

ރައީސް، ފިނޭގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ އެ މަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފިނޭއަށް މިއަދު ވަޑަައިގެން، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުގެ އަމާޒަކީ މި ހަފުތާ ތެރޭގައި ހދ. އަތޮޅުގެ އިތުރު ދިހަ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ފިނޭ އާއި އެ އަތޮޅުގެ އެހެން ރަށްތަކުގައި އޭޓީއެމް ވިއުގަ ފުޅާކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓަކީ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"މިހާރު މި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެ." ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗު، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.