ހދ. ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދުއަށް ބަދަލުކޮށްދޭނެ ކަމަށާއި ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ހިރިމަރަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރަށުގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާކޮށް، ފެންވަރު ރަނގަޅު ހިދުމަތް ދިނުމާއި ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އެގޮތުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަކީ، މި ސަރުކާރުގެ އެފަދަ އެންމެ ފުރަތަމަ މަޝްރޫއު ކަމުގައި ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިުޓުތައް ހަދަން ސަރުކާރުން މިއަދު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކަށް، ގެއެއް އިމާރަތް ކުރާނެ ކަމަށެވެ. ހިރިމަރަދޫގައި އޮތީ ގާތްގަނޑަކަށް 154 ގޯތި ކަމަށާއި އެހެންކަމުން ހަނިމާދޫގައިވެސް އިމާރަތްކުރާނީ ގާތްގަނޑަކަށް 154 ވަރަކަށް ގެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އެ ގޯތީގައި ގެއެއް އަޅައިދީފަ ގޯއްޗާއާ ގެއާ އެކީގައި ތަޅުދަނޑި ހަވާލުކުރެވިގެންދާނެ. އަދި އޭގެ އިތުރަށް ބަދަލުވުމުގެ ގޮތުން، ބަދަލުގެ ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ތިބޭފުޅުންނަށް ލިބިގެންދާނެ. ދެން ކުރީގައި ގެ ދޭއިރުގައި ނޫނިއްޔާ ބަދަލުގެ ބަދަލު ދޭއިރުގައި ދޭ ފައިސާގެ އަދަދު އަޅުގަނޑުމެން ރިވައިޒް ކުރަނީ، ނޫނިއްޔާމުން މުތޯލިއާ ކުރަމުން މިދަނީ އެއަށްވުރެ ބޮޑުވާނެ." ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާ ކަމަށެވެ. ނަމަވެސް އާބާދީ އެއްފަސްކުރަން ނުވަތަ އެހެން ރަށަކަށް ހިޖުރަކުރަން ސަރުކާރުން އެއްްވެސް މަޖުބޫރެއް ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.