ހދ. ހަނިމާދުއަށް ބަދަލުވާ އެ އަތޮޅު ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓް ހެދުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ 13 ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިރިމަރަދުއަށް ކުރެއްވި ޒިޔާތަރުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

އެ މަަަސައްކަތުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވަނީ މި އަހަރުގެ ފެބްރުއަރީ އެއްްވަނަ ދުވަހުގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހިރިމަރަދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ހިރިމަރަދޫގައި މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ހަނިމާދޫން ގޯއްޗެއް ދޭނެ ކަމަށާއި 154 ގޯތި މިހާރު ހިރިމަރަދޫގައި ހުރި ކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށެވެ. އަދި ހަނިމާދޫން ގޯތީގައި ގެއެއް ހަދައިދީ، ހިރިމަރަދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހިރިމަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަރީފް "ވަން" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ރަށުގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު، ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުންނެވެ. އަދި ހިދުމަތްތައް ފަސޭހައިން ލިބޭ ރަށަކަށް ބަދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވާން ކަމަށާއި އެއީ މާލެއާ ކައިރިވެފައި ހިދުމަތްތައް ފަސޭހައިން ލިބޭނެތީ ކަމަށެވެ. އަދި ހއ. ދިއްދޫ އާއި ހަނިމާދުއަށް ވެސް ބަދަލުވާން ބައެއް ރައްޔިތުން ބޭނުންވާކަން ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެހެން ރަށަކަށް ބަދަލުވި ނަމަވެސް ރަށުގެ ރައްޔިތުންގެ ޑިމާންޑަކީ ގޯއްޗެއް ނުވަތަ ގެއެއް ދިނުން ކަމަށެވެ. އަދިވެސް އެ ނޫން ބައެއް ޑިމާންޑްތައް ވެސް ހުރިކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.