ސައްހަ ނޫން ތައުލީމް ސެޓްފިކެޓުތަކެއް އުފެއްދި މައްސަލަތަކެއް ތަހުގީގުކޮށް، ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަަމަށެވެ. އަދި އެފަދަ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮޕެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖުކުރުމުގެ މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވެއެވެ،" ފުލުހުން ބުންޏެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމާއި ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ބުންޏެވެ.
އެފަދަ ކަންކަމަށް ވަޒީފާ ދޭ ފަރާތުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކުގެ އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓުގެ ސައްހަކަން ކަށަވަރުކުރުމަށް، ވަޒީފާ ދޭ ފަރާތާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައްހަނޫން ސެޓްފިކެޓް ކަމަށް ޝައްކު ކުރެވޭނަމަ، އެމްކިޔުއޭ ނުވަތަ ކަމާ ގުޅުންހުރި އިދާރާތަކުން ސެޓްފިކެޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް އިލްތިމާސް ކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައްހަކަން ކަށަވަރު ނުކުރެވޭ ނަމަ، ފުލުހަށް ހުށަހެޅުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސައްހަ ނޫން ސެޓްފިކެޓް ހުށަހަޅައިގެން ބައެއް ފަރާތްތަކުން ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް އާންމުވެފައި ވަނިކޮށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
އޮންލައިންކޮށްނަގާފައިވާ އިމާމުކަމުގެކޯސްތަކުގައި ފާސްނުވެ 3ދުވަސްފަހުން އޮންލައިންކޮށްކޯސްދީ ގޭކުދިންފޮތްތައްކައިރީގައިހިފައިގެންތިބެ އޮންލައިންސުވާލުތަކަށްޖަވާބުދިނީމައި އަނެއްދުވަހުފާސްވީއެވެ މިވާނީކޮންކަހަލަ ސެތިފިކެޓަކަށް
އިއއބެ - 10 މަސް ކުރިން