މިހާރު ރޮމޭނިއާ ގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން އިތުރު ފަސް ރެކޯޑެއް އާކޮށްފިއެވެ.
ރާއްޖޭގެ ފެތުންތެރިން މިފަހަރު ހަދާފައިވާ ރެކޯޑުތަކަކީ އަންހެނުންގެ ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑު، ފިރިހެން ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑާއި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު އަދި އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ.
އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު، މިރާލް އައިން ލަތީފް އާކުރީ ދެ މިނެޓް، 42.46 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް މިރާލް އަތުގައި އޮތް ރެކޯޑެކެވެ. މިރާލް ކުރިން ރެކޯޑު ހެދީ، މިމަހު ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ 22 ވަނަ އަހަރު ވޯލްޑް އެކުއެޓިކްސް ޗެމްޕިއަންޝިޕްގައި ދެ މިނެޓް، 44.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު އަމްނާ ތަޒްކިޔާ މިރުޝާދު ހެދި އިރު، އެއީ ކުރިން އާއިޝަތު އުލްޔާ ޝާއިގް އަތުގައި އޮތް ރެކޯޑެކެވެ. އަމްނާ މިފަހަރު ރޭސް ނިންމީ، 32.77 ސިކުންތުންނެވެ. އުލްޔާ ކުރިން ރެކޯޑު ހަދާފައި އޮތީ 34.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އުލްޔާ ރެކޯޑު ހަދާފައި އޮތީ މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އެސްޑަބްލިއުއޭ (ސްވިމިންގް ވެސްޓާން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިން ސްޓޭޓް ޗެމްޕިއަންޝިޕްސްގައެވެ.
އިޒްޔާން ނާޒިމްވެސް ވަނީ ރެކޯޑު ހަދައިފައެވެ. އިޒްޔާން ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު ހެދީ ދެ މިނެޓް، 45.21 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން އިފްލާލް އިބްރާހީމް މަހްފޫތު ހަދާފައިވާ އޮތް ރެކޯޑެކެވެ. ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި މިދިޔަ އަހަރު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި އިފްލާލް ރެކޯޑު ހަދާފައި އޮތީ ދެ މިނެޓް، 45.81 ސިކުންތުންނެވެ.
މިފަހަރު ޖޫނިއާ މުބާރާތުގައި ތަފާތު ދައްކަމުންދާ ލޫތު މުހައްމަދު ހުސައިން ވަނީ އަނެއްކާވެސް އޭނާގެ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑު އާކޮށްފައެވެ. ތިން ދުވަސްކުރިން ހެދި ރެކޯޑު އާކޮށްފައި ވަނީ 31.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ކުރިން ލޫތު ރެކޯޑު ހަދާފައި ވަނީ 100 މީޓަރު އިވެންޓްގެ ފުރަތަމަ 50 މީޓަރު، 32.67 ސިކުންތުން ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުސާދު، މިރާލް އައިން ލަތީފް، ސާރާ މުހައްމަދު އަދި އާއިޝަތު އަލީނާ ޝާހިދެވެ. އެ ޓީމުގެ ޓައިމިންއަކީ ހަތަރު މިނެޓް، 28.16 ސިކުންތެވެ.
އެއީ ކުރިން 2016 ވަނަ އަހަރު، އައިމިނަތު ޝަޖަން، އާއިޝަތު ސާޖިނާ، އައިޝަތު ސައުސަން އަދި އަންމާއު އަހުމަދު ސަލީމްގެ ޓީމުން، ހަތަރު މިނެޓް، 44.87 ސިކުންތުން ރޭސް ނިންމައިގެން ހަދާފައި އޮތް ރެކޯޑެކެވެ. އެއީ އިންޑިއާގެ ގްވަހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން