ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ލެޕްޓޮޕްތައް ވަގަށް ނަގައި އެތަކެތި ވިއްކާލި މީހާ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ ތ. ގާދިއްފުށީ މިރިޔާސްގެ ހަސަން ޝަކީބުގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން އޭނާއަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް މި ދައުވާ ކޮށްފައި ވަނީ 21 ޑިސެމްބަރު 2024 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވެކޮޕްމަންޓް އޮފީހަށް ވަދެ، އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް އެ ދުވަހު 10:00 އެހާކަން ހާއިރު އެތަކެތި ބ. ފުޅަދޫ އުދަރެސް ހަސަން އަޒްލީފް އަށް 1700 ރުފިޔާއަށް ވިއްކާލާފައިވާތީއެވެ.

ކޯޓުގައި އޭނާ ވަނީ މިކަމަށް އިއުތިރާފުވެފައެވެ.

އޭނާ ނެގި ފަސް ލެޕްޓޮޕް ތެރޭގައި ހިމެނެނީ، ޑެލް ލެޓިޓިއުޑް 3530 އައި 5 ބްރޭންޑްގެ ދެ ލެޕްޓޮޕާއި 3510 އައި ފަހެއް ބްރޭންޑްގެ އެއް ލެޕްޓޮޕާއި 3420 އައި ފަހެއް ބްރޭންޑްގެ ދެ ލެޕްޓޮޕެވެ.

އެހެންކަމުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.