އެމެރިކާއިން ދޫކޮށްފައިވާ 55 މިލިއަން ވިސާ އަލުން ޗެކްކުރަން ނިންމައިފިއެެވެ.

އެމެރިކާއިިން އެގައުމުގައި އުޅޭ ބޭރު މީހުންނަށް ދޫކޮށްފައިވާ 55 މިލިއަން ވިސާ އަލުން ބަލައި ޗެކުކުރުމަށް ނިންމާފައިވަނީ އެގައުމުގައި ވިސާ ބޭނުން ކޮށްގެން ނުގަވާއިދުން އުޅޭ މީހުން ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ހަވާލާދީ ބުނީ މީގެ ފަހުން އެމެރިކާއިން ދޫކުރާ ހުރިހާ ވިސާއެއް އަބަދު ވެސް ބަލަމުން އަންނާނެ ކަމަށެވެ.

އޮފިޝަލުން ވަނީ މިހާރު ދޫކޮށްފައިވާ 55 މިލިއަން ވިސާ ޗެކްކުރުމަށްފަހު އޯވާސްޓޭ ވާ މީހުންނާއި ގާނޫނާ ހިލާފުވާ މީހުންނާއި އާންމުންނަށް އުނދަގޫ ކުރާ މީހުންގެ އިތުރުން އެއްވެސް ބާވަތެއްގެ ޓެރަރިސްޓު އަމަލު ހިންގާ މީހުންނާއި ޓެރަރިސްޓު ޖަމާއަތަކާ ގުޅުން ހުންނަ މީހުންގެ ވިސާ އަތުލާނެ ކަމަށް ބުނެފައެވެ.

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެގައުމުގައި ނުގަވާއިދުން ދިރިއުޅޭ ބޭރު މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފައްޓާފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޑީޕޯޓުވެސް ކޮށްފައެވެ.

ރައީސް ޓްރަމްޕް ވަނީ އެގައުމަށް 12 ގައުމަކުން މީހުން އެތެރެ ކުރުން ހުއްޓުވާލައި ހަތް ގައުމަކަށް އެގަވާއިދު ހަރުކަށިކޮށްފައެވެ.