ހިޔާނާތުގެ މައްސަލައެއްގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާ ހައްޔަރުކޮށްފިއެވެ.
ލަންކާގެ ފުލުހުން، ރަނިލް މިއަދު ހައްޔަރުކޮށްފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ މައްސަލައަކީ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ އަނބިކަނބަލުން ޕްރޮފެސަރު މައިތުރީ ވިކްރަމަސިންހަގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުގެ ފައިސާއިން ހަރަދަކޮށްފައިވާތީއެވެ.
ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ރަނިލްގެ އެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނޫނެވެ. އަދި އެ މައްސަލައިގައި ރަނިލް ރައީސްކަމުގައި ހުންނެވި އިރު، ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސަމަން އެކަނަޔަކެ އަދި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންދްރާ ޕެރޭރާގެ ބަޔާން ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ކޯޓަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން ރަނިލްގެ އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަނަށް ލަންޑަނަށް ވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ސެޕްޓެމަބަރު 22 އަދި 23 ގައެވެ. އެއީ ޔުނިވާސިޓީ އޮފް ވުލްވަހެމްޓަންގައި ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތެކެވެ.
ސީއައިޑީގެ ތަހުގީގުގައިވާ ގޮތުން، ރަނިލްގެ އެ ދަތުރުފުޅުގައި އިތުރު ދިހަ މީހަކު ބައިވެރިކުރިއެވެ. އަދި އަމިއްލަފުޅު އެ ދަތުރުފުޅަށް ސަރުކާރުގެ ބަޖެޓުން ޖުމުލަ 16.9 މިލިއަން ރުޕީސް ވަނީ ހަރަދުކޮށްފައެވެ.
ރަނިލްގެ އޮފީހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ސެޕްޓެމްބަރު 2023 ގައި ޔުނިވާސިޓީ އޮފް ވުލްވަހެމްޓަންގެ ގްރެޖުއޭޝަން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ދަތުރުފުޅެއް ކުރެއްވި ވާހަކައަކީ ވެސް ދޮގު ވާހަކަތަކެއް ކަމަށް ރަނިލްގެ އޮފީހުން ބުންޏެވެ.
ރަނިލް ވިކްރަމަސިންހަ
ރަނިލް ވިކްރަމަސިންހަ
ރަނިލް ވިކްރަމަސިންހަ