ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ. އަދި ރަނިލް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތް ގުޅުން ދައްކުވައިދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން ދެ ބޭފުޅުން ވަނީ ތައުލީމީ ދާއިރާއާ ގުޅޭގޮތުންނާއި 18 އަހަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިގުތިސާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައުފައެވެ.
ލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަައުވަތު އަރުވައިފައެވެ. އަދި ރައީސް ވަނީ އެ ދައުވަތު ގަބޫލުފުޅުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު