ކުރިއަށްއޮތް ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025 ގެ ތައްޔާރީތަކުގެ ތެރެއިން، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރުއެޅުވުމުގެ މަގުސަދުގައި، ދިރާގުން އެކި މުއައްސަސާތައް ހިމެނޭގޮތަށް ހާއްސަ ބައްދަލުވުމެއް ބާއްވައި، ކޯޕަރޭޓް ޓީމު ގިންތީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ އަހަރު ތައާރަފުކުރެވުނު އެ ގިންތީގައި އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށްވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމުތައް އެކުލަވާލައި، ބައިވެރިވެވޭނެއެވެ.
ޓީމެއްގެ ގޮތުގައި ރަޖިސްޓާ ކުރާ އިރު، ކޮންމެ ޓީމެއްގެ ރަޖިސްޓްރޭޝަން ފީއަކީ ޖުމުލަ 1000 ރުފިޔާއެވެ. އަދި ދިރާގުޕޭ ބޭނުންކޮށްގެން ފާއިސާ ދައްކާ ޓީމުތަކުގެ ފީއަކީ ޖުމުލަ 800 ރުފިޔާއެވެ.
ދިރާގުން ބުނީ ރަޖިސްޓްރޭޓްރޭޝަން ފީގެ ތެރޭގައި ދުވުންތެރިންނަށް ހާއްސަ ޓީޝާޓު، ވަގުުތު ބެލުމަށް ބޭނުންކުރާ ޗިޕް އެކުލެވޭ ބިބް، އަދި މެޑަލް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ ހަރަކާތުގައި ބައިވެރިވާ އެންޖީއޯތަކުގެ މެދުގައި ހަމަހަމައަށް ބެހިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ކޯޕަރޭޓް ޓީމު ގިންތީގެ މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމުލަ ވަގުތަށް ބަލާފައި ކަމަށާއި އަދި ހުރިހާ މެމްބަރުންވެސް 5K ރޭހުގެ ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ގިންތީގެ އިނާމުތަކަކީ:
- ޗެމްޕިއަން ޓީމު: 10،000 ރުފިޔާ
- ރަނަރަޕް ޓީމު: 8،000 ރުފިޔާ
- ދެވަނަ ރަނަރަޕް ޓީމު: 6000 ރުފިޔާ
ޑީއެމްއާރުއާރު އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެ ދުވުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރުއާރު 2025 އަކީވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެ އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑީއެމްއާރުއާރުގެ ރަޖިސްޓްރޭޝަން ދިރާގުން މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް އެ އިވެންޓުގައި ރަޖިސްޓާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ.
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް