މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހަޅުއްވައިފިއެވެ.

ސައިފް ފާތިހު، މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ވަނީ ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް 6.1 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އާ މޭޔަރު ހަވާލުވުމުގެ ކުރިން އެ އެއްބަސްވުން އުވާލައި، އެހެން ކުންފުންޏަކަށް 9.5 މިލިއަން ޑޮލަރަށް މަސް މާރުކޭޓު ހަވާލުކުރި ކަމަށެވެ.

"އެއީ އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށްވުރެ 3.5 މިލިއަން ޑޮލަރު ބޮޑު އަގެއް. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލީގަލް އޮފިސަރު ނަސީރު،" ސައިފްގެ ސިޓީގައިވެއެވެ.

މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މާލޭ ރޯމަސް މާރުކޭޓާއި އެއާ ގުޅުވައިގެން އެ ތަނުގެ މަތިންދޭ ފިހާރަ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ގައެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި އާޒިމް ވިދާޅުވެފައިވަނީ މަސް މާރުކޭޓު ދޫކުރުމުގެ އެއްބަސްވުމުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވެފައިވާ ގޮތުގައި ކޮންޓްރެކްޓުގައި ފުށޫއެރުންތަކެއް އެބަހުރި ކަމަށާއި އެގޮތުން ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000 ރުފިޔާއަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000 ރުފިޔާއަށް ކަމަށެވެ. އެތަނުގެ ކަރަންޓު ބިލަށް 437،926 ރުފިޔާ ނުދައްކާ އެބައޮތް ކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ.