ޗެނަލް 13 އިން ގެނެސްދިން ރިޕޯޓެއްގެ މައްސަލައިގައި މައާފަށް އެދުމަށާއި، އެއް ގަޑިއިރަށް ބްރޯޑްކާސްޓުކުރުން ހުއްޓާލުމަށް އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދީފިއެވެ.
ބްރޯޑްކޮމް އިން ވަނީ، ޗެނަލް 13 އިން މިއަހަރުގެ ޖެނުއަރީ 30 ގައި ބްރޯޑްކާސްޓްކުރި އިރާދަން ހަބަރުގެ ބޮޑު ރިޕޯޓު ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް ކޮމިޝަންގެ އިސްނެގުމުގެ މަތީން މައްސަލައެއް ބަލައިފައެވެ.
ބްރޯޑްކޮމް އިން މައްސަލަ ބަލައި ނިންމިގޮތުގެ ބަޔާނުގައިވާ ގޮތުން، ކޯޑް އޮފް ޕްރެކްޓިސްގެ ގިނަ ހަމަތަކަކާ ހިލާފުވެފައިވާކަން ވަނީ ސާބިތުވެފައެވެ. އަދި ހިލާފުވެފައިވާ އެ ހަމަތައް ވެސް ވަކިވަކިން ވަނީ ފާހަގަކޮށްފައެވެ.
މިމަހުގެ 13 ގައި ނެރުނު އެ ބަޔާނުގައިވަނީ، އެ މައްސަލަ ސާބިތުވެފައިވާތީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން ޗެނަލް 13 އިން މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި އެ ބަޔާން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން، އެއް ރޭ 8:00 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން އާންމުކޮށް ބްރޯޑްކާސްޓްކުރުމަށް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން "ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާ ނަމަ، އަދި އެކަން ރަނގަޅުކުރުމަށް އެންގުމުން ރަނގަޅުނުކޮށްފި ނަމަ، އެ ފަރާތެއްގެ ޕްރޮގްރާމް ޝެޑިއުލުން ބައެއް ވަގުތީގޮތުން މެދުކަނޑާލުމަށް އެންގުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިފައިވާތީ، މިރޭ 8:00 އިން 9:00 އަށް ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް އެންގުމަށް ބްރޯޑްކޮމްއިން ނިންމިއެވެ.
އެގޮތުގެ މަތީން ބްރޯޑްކޮމްއިން މިރޭ ވަނީ މިރޭ 8:00 އިން 9:00 އަށް ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް އަންގައިފައެވެ. ނަމަވެސް ޗެނަލް 13 އިން ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލައިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ބްރޯޑްކޮމް އިން މިރޭ ބުނީ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅާ ކަމަށް އެ ކޮމިޝަނަށް ފެނިއްޖެހިނދެއްގައި އެ ބްރޯޑްކާސްޓަރަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ. ނަމަވެސް ޗެނަލް 13 އާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އަދި ނިންމައިފައެއް ނުވެއެވެ.
ޗެނަލް 13 އިން މިރޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ހަރަކާތެއް ވެސް ލައިވްކޮށްފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން