މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން
- 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް)
- ދުވާރުތައް ހެދުން
- ފެން ހިންދާ ނިޒާމު ގާއިމުކުރުން
- ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
އެ މަޝްރޫއުގެ މަގުސަދަކީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ގޯސްވަމުންދާ މިންވަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކޮށް ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދައިދިނުމެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ރައީސް ވިދާޅުވެފައިވަނީ، ޗައިނާ އިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ