ރޮމޭނިއާގައި ކުރިއަށްދާ 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ޖޫނިއާ ފެތުންތެރިން ހަތަރު ގައުމީ ރެކޯޑެއް ހަދައިފިއެވެ.

މިހާތަނަށް ފެތި އިވެންޓްތަކުގައި ރާއްޖޭގެ މިރާލް އައިން ލަތީފްގެ އިތުރުން ލޫތު މުހައްމަދު ހުސައިން ވެސް އިންޑިވިޖުއަލް ރެކޯޑުތައް ހަދާފައިވާ އިރު، އަންހެނުންގެ ލޯންގް ކޯސް، ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގެ ރެކޯޑުވެސް އާކޮށްފައިވެއެވެ.

މިރާލް، އަންހެނުންގެ ލޯންގް ކޯސް ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އާކުރީ ފަސް މިނެޓް، 57.86 ސިކުންތުން ރޭސް ނިންމައިގައެވެ. އެއީ ކުރީ ކުރިންވެސް މިރާލް އަތުގައި އޮތް ރެކޯޑެކެވެ. މިރާ ހަ މިނެޓް 9.10 ސިކުންތުން ރޭސް ނިންމައިގެން އެ ރެކޯޑު ކުރިން ހަދާފައި ވަނީ މިދިޔަ އަހަރު ޔޫކޭގައި ބޭއްވި ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްގައެވެ.

އަންހެނުންގެ ލޯންގް ކޯސް، ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގެ ގައުމީ ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، މިރާލްއާއި އަމްނާ ތަޒްކިޔާ މިރުސާދު، ލައިބާ ހަސަންމަނިކު އަދި އަޔާނާ އަރީފެވެ.

މިފަހަރު ރެކޯޑު އާކުރި ޓީމުގެ ޓައިމިންއަކީ 10 މިނެޓް، 9.97 ސިކުންތެވެ. މީގެ ކުރިން 2023 ވަނަ އަހަރު ބޭއްވި 19 ވނަ އަހަރު އޭޝިއަން ގޭމްސްގައި އެ ރެކޯޑު ހެދި ޓީމުގެ ޓައިމިންއަކީ 10 މިނެޓް، 50.31 ސިކުންތެވެ. އެޓީމުގައި ހިމެނުނީ ހަނާން ހުސައިން ހަލީމް، މިރާލްގެ އިތުރުން ހަމްނާ އަހްމަދު އަދި އީން އައްބާސް ޝަރީފެވެ.

ދެން ރެކޯޑު ހެދި ލޫތު މިހާތަނަށް ދެ ރެކޯޑެއް އާކޮށްފައިވެއެވެ. އެއީ ފިރިހެން ލޯންގް ކޯސް، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑާއި ފިރިހެން ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑެވެ.

ލޫތު މިފަހަރު 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ރެކޯޑު ހެދީ، އެއް މިނެޓް، 10.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑު ކުރިން އޮތީ މުބާލް އައްޒާމް އިބްރާހީމް އަތުގައެވެ. މުބާލް އެރެކޯޑު ހަދާފައި އޮތީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި އެއް މިނެޓް، 14.58 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ލޫތު 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ރެކޯޑު އާކުރީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 32.67 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެއީވެސް މުބާލް އަތުގައި އޮތް ރެކޯޑެކެވެ. މުބާލް ރެކޯޑު ހަދާފައި ވަނީ މިދިޔަ އަހަރު އޮތް 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައެވެ. އެއި 33.24 ސިކުންތުން ރޭސް ނިންމައިގެންނެވެ.