އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް އއ. އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށެއްގެ ކައުންސިލާއި އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

އެމަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދުއަށް ވަޑައިގެން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އަދި އެ ދަތުރުފުޅުތަކުގެ ތެރެއިން ވަނީ ރަށުގެ ތަރައްގިއާ ގުޅުން މަޝްރޫއުތަކުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް އެ ދަތުރުފުޅުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ރަށުގެ ކައުންސިލްތަކާ ހިއްސާކުރައްވައިފައެވެ.

ރައީސް އެ ދަތުރުފުޅުގެ ތެރެއިން ވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތް ތައާރަފުކުރައްވައިފައެވެ.

އަދި މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވައިދެއްވައިފައެވެ