އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ރަސްދޫގައި ބޭއްވި ޖަލްސާގައި އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަދާ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ މަޝްރޫއުގެ ދަށުން ރަސްދޫގައި 12،670 އަކަފޫޓުގެ ސަރަހައްދެއްގައި ތިން އަކަފޫޓުގެ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫއުގެ ތެރޭގައި ބިންގަނޑު ކޮނުމާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކުގެ އިތުރުން ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 13.68 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލު މަޝްރޫއަކީ، މިހާރު ހިނގަމުންދާ މަޝްރޫއުގެ އިތުރަށް ރަށަށް ކޮންމެހެން ބޭނުންވެފައިވާ މަޝްރޫއެއް ކަމަށެވެ.
"މި މަޝްރޫއުގެ ތެރެއިން ސްކިލް ލެބާއި ކޮމްޕިއުޓާ ލެބް، ޕްރޭޔާ ރޫމް އަދި ލައިބްރަރީ ހިމެނިގެންދާނެ. އެހެންވީމާ މި ވަސީލަތްތައް ސްކޫލަށް އިތުރުވެގެންދާނެ. ހިނގަމުންދާ މަލްޓިޕާޕަސް ހޯލާއި ސްކޫލަށް އިތުރުވާ ޖާގައިގެ އިތުރަށް މި ދެންނެވި ޖާގަތައް މި ސްކޫލު މަޝްރޫއު އިން ވެސް އެބަ އިތުރުވެގެންދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ޖަލްސާގައި މިއަދު ވަނީ އިތުރު މަޝްރޫއުތަކެއް ވެސް ހަވާލުކޮށްފައެވެ. އެގޮތުން ރަސްދޫގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކުރި އިރު، ރަސްދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.
އއ. ރަސްދޫ
އއ. ރަސްދޫ