އއ. ތޮއްޑޫ ފާލަން ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 52,000,110 (52 މިލިއަން) ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ތޮއްޑޫ ދެކުނުފަރާތުގައި 430 މީޓަރު ދިގު އަދި ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ޖެޓީގެ ފަޅު ފުންކުރުން އަދި 70 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.