އއ. ފެރިދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެރިދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ތަރައްގީގެ ތިން މަޝްރޫއެއްގައި ސޮއިކޮށްފައެވެ.

ސޮއިކުރި މަޝްރޫއުތައް:

  • އއ. އަތޮޅު މަދަރުސާގެ ހަތަރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު އިމާރާތްކުރުން
  • އއ. ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން
  • ފެރިދޫގައި ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން

އެ މަޝްރޫއުތަކުގެ ތެރެއިން މަދަރުސާއަށް ޖާގަ އިތުރުކުރަން ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެވެ. އެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާނެވެ.

ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމާއި ފެރިދޫގައި ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ ދެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

މިއަދު ވަނީ ފެރިދޫގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާވެސް އަޅައިފައެވެ. މީގެ އިތުރުން އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތްވެސް ވަނީ އިފްތިތާހުކޮށްފައެވެ.