އއ. އަތޮޅު މާފަރު ފަޅަކީ، އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައި ގަރާރަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ފެރިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
މާފަރު ފަޅަކީ، ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ ނިންމެވުމާއެކު ރައީސް މިއަދު ނެރުއްވި، ގަރާރުން ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރު އިސްލާހުކުރައްވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކޮށްފައެވެ.
މާފަރު ފަޅުގައި ޕިކްނިކް އައިލެންޑެއް ގާއިމުކޮށްދިނުމުގެ ގޮތުން، އެ މަސައްކަތް މިދިޔަ މަހުގެ 19 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެރިދުއަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު