ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އއ. ފެރިދޫ އާއި ބ. މާޅޮހުގައި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި އެވެ.
އެ ކަމަށްޓަކައި އިއްޔެ އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން އެވެ.
އެ ރަސްމިއްޔާތުގެ ތެރެއިން، މި މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިން އެމްޓީސީސީ އާއި ފެރިދޫ ކައުންސިލަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ފެރިދޫގައި ގާއިމުކުރި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެމްޓީސީސީން ފެށީ 2025 އޮގަސްޓް 19 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން ކޮންކްރީޓް މަސައްކަތާއި، ކަރަންޓު މަސައްކަތާއި އިމާރާތުގައި އިދާރީ ބަޔަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ މަސައްކަތް ކޮށްފައިވެއެވެ.
އެ މަސައްކަތުގެ އަގަކީ 2.04 މިލިޔަން ރުފިޔާއެވެ.
މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 14 ގައެވެ. 2.04 މިލިޔަން ރުފިޔާގެ މި މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މާޅޮހުގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ. ފެރިދޫއެކޭ އެއްގޮތަށް މާޅޮހު ކައުންސިލާއި އެމްޓީސީސީން ވެދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވައިފައެވެ.
މި ދެ ރަށުގެ ޕޮލިސް ސްޓޭޝަންތައް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސްޓޭޝަންތަކުގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް