އއ. މާޅޮހުގައި ޓޫރިސްޓުންނަށް ހާއްސަ ގެސްޓު ބީޗަކާއި ރަށުގެ ރައްޔިތުން ބޭނުން ކުރުމަށް ހާއްސަ ބީޗެއް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަރައްގީކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ އަތޮޅު މާޅޮހަށް މިއަދު ވަޑައިގެން ރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުން ކަމަށެވެ.
"ވަރަށް މުހިންމު ލޯކަލް ޓޫރިޒަމްއަށާއި އަދި ރަށުގެ ރައްޔިތުންގެ ބޭނުމަށް މީ އަދި އިތުރު މަޝްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެއީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫއެއް ގެސްޓު ބީޗުތަކެއް ހިމެނޭ ގޮތަށް ރަށަށް ބީޗު، މިހާރު ޖާގަ އޮތް އެންމެ ބޮޑު މިނަކަށް ބޭނުންކުރެވޭ ގޮތަކަށް ޑިޒައިން ކޮށްގެން ގެސްޓު ބީޗު ހެދޭގޮތަށް އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތްވާ ގޮތަށް ރަށުގެ ރައްޔިތުންނަށްވެސް ބޭނުންވާ ބީޗު ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ މަޝްރޫއެއް ޑިޒައިންކޮށް މިއަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން އަޅުގަނޑުމެން ފަށާނަން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމެނިފައި ނުވާތީ އެ މަޝްރޫއު މިއަހަރުގެ ތެރޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މިއަންނަ އަހަރުގެ ކުރީކޮޅުގައި އެ މަޝްރޫއުތަކުގެ މަސައްކަތް ފަށާނެކަމަށެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ބަލި މީހުންނަށް މިހާރު ހިދުމަތް ދޭން ބޭނުންކުރާ އިމާރާތަކީ ވަރަށް ދުވަސްވެފައި އަދި ވާރޭ ވެހިއްޖެނަމަ ފެން ފައިބާ އިމާރާތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އާ ސިއްހީ މަރުކަޒު އިމާރަތެއް، ލެބޯޓަރީއާއި ބަލި މީހުންނަށް ހިދުމަތްދޭނެ ތަނެއް ހިމެނޭހެން ހެދުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.
ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް، ސައިންސް ލެބޯޓަރީ އަދި ހަތަރު ކްލާސް ރޫމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ ކަމަށާއި މިމަހުގެ ތެރޭގައި އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށައި، މަސައްކަތް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ހަތަރު ކްލާސްރޫމް ހެދުމަށް ނިންމިކަމުގައިވިޔަސް، ޖާގަ އޮތްވަރަކުން އިތުރު ކްލާސްރޫމްތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
ފުޓްބޯޅަ ދަނޑުގެ ޓާފު އެޅުމާއި ފެންސުގެ ޖެހުމުގެ މަސައްކަތުގެ އިތުރުން ލައިޓް ހަރުކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި އާރްޑީސީން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޭންޑްބޯލް ކޯޓެއް ހެދުމުގެ މަސައްކަތް މިއަންނަ އަހަރު ކުރިއަށް ގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ މަގު ހެދުން ކުރިއަށް ގެންދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ރައްޔިތުން ބޭނުންވަނީ ތާރު އަދި ގާވެސް ނާޅައި ހަމައެކަނި ފަސްގަނޑު ރަނގަޅުކޮށް ފެން ހިންދާ ނިޒާމަކާއެކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނުވަތަ އޭނުން ގޮތަކަށްކަމަށްވިޔަސް ސަރުކާރުން އެކަމެއް އެގޮތަކަށް ކުރިއަށް ގެންގޮސްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އއ. ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާނެ ކަމަށެވެ. އެއީ މާޅޮހުގެ ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ދިން ފަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުން އިގްތިސޯދީ ނަފާ ހޯދުމަކީ މިހާރު ރަށުގެ ރައްޔިތުންގެ އަތްމަތީގައި އޮތްކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަންފަރުގައި ފުލް ރިސޯޓެއް ހެދުން ފިޔަވައި އެ ނޫން ހުރިހާ މަޝްރޫއުތަކެއް ހިންގަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު