މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުކޮށް، މީޑިއާ ކޮމިޝަންގެ ބިލު މަޖިލިހަށް ހުށަހަޅައި އެ ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިޔައިރު ނޫސްވެރިންގެ ހިމޭން އިހުތިޖާޖެއް މަޖިލީހުގައި ކުރިއަށް ގެންގޮސްފި އެވެ.
އެ ބިލުގެ ބަހުސް ކުރިއަށްދިޔައިރު އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ތިބީ މަޖިލީހުގެ ގެލެރީގައި އަނގަމަތީ އަތް އަޅައިގެންނެވެ.
އަމިއްލަ ހައިސިއްޔަތުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ބިލުގެ އިބުތިދާއީ ބަހުސްގައި އިދިކޮޅު އެމްޑީޕީ އަދި ޕީއެންސީގެ މެންބަރުން ބައިވެރިވެޑައިގެން ވާހަކަ ދެއްކެވި އެވެ.
މަޖިލިސް ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސް ފަށާފައިވާ މީޑިއާގެ ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް ވާހަކަ ދެއްކެވި މެންބަރުންގެ ވާހަކައިން އެ ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ހާމަވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން، ނިންމާލާފަ އިއްޒަތްތެރި މެންބަރުން ބިލު ރަނގަޅަށް ދިރާސާކުރައްވައިގެން ވަޑައިގެން މި ބިލަށް ހަގީގަތުގެ މައްޗަށް ވާހަކަދައްކާނެ ޖާގަ ދިނުމުގެ ގޮތުން މިހާ ހިސާބަށް މިއަދަށް މި ބިލުގެ ބަހުސް އަޅުގަނޑު ނިންމާލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- އްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން
ބިލްގައިވާ ގޮތުން ކޮންޓެންޓާ ގުޅޭ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލާނީ މީޑިއާ ކޮމިޝަންގެ މެންބަރުންނާއި މީޑިއާ ތަމްސީލު ކުރާ ހަތަރު މީހުން އެކުލެވޭ ދާއިމީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ނަމަކީ "މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ" އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ހެލްތު މިނިސްޓަރު ގީލާ އަލީ
ރިޕޯޓް