ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށްބުނެ މީހުން ދައްކަމުންދާ ވާހަކަތަކަކީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްބަލިކޮށްލަން ދައްކާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި މިރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓައުންހޯލް ޖަލްސާގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ނުފޫޒުން ވަކިވަކި ފަރުދުން މެދުވެރިކޮށް އެފަދަ ވާހަކަތައް ދެއްކި ނަމަވެސް، އެއީ ގާނޫނީ ގޮތުން ހަގީގަތަކަށް ހެދޭނެ ކަންކަމެއް ނޫނެވެ.
އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ހުކުމް ކުރުމުގެ ބާރު ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި މީހަކަށް އެކަނި ލިބިގެންނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ތިނަދޫގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެ މަނިކުފާނަށް ލިބޭނެކަން އެ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ޝަރުއީ މަރުހަލާތަކުން ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުވެސް ސާބިތުކަމާއެކު ޖަލު ހުކުމުގައި ހުންނެވިކަން ފާހަގަކުރައްވައިފައެވެ.
އެ ވާހަކަތަކަކީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްބަލިކޮށްލަން ދައްކާ ވާހަކައެއް ކަމަށާއި އެމަނިކުފާނަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ކަންބޮޑުވެ ހާސްވާންޖެހޭ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް