ބޮލީވުޑްގެ މަޝްހޫރު ތަރި އަމިތާބު ބަޗަން އޭނާގެ ޕާސަނަލް ބްލޮގްގައި އުމުރުން ދުވަސްވުމުގެ ހަގީގަތްތަކާ ބެހޭގޮތުން ލިޔެފިއެވެ. އުމުރުން 82 އަހަރުގައި، ކުރީން ފަސޭހައިން ކުރެވުނު އާދައިގެ ކަންކަން މިހާރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ބުނެ، ގޭގައިވެސް 'ހޭންޑްލް ބާރސް' ބޭނުންކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރިއެވެ.

އަމިތާބު ބުނީ އޭނާގެ ދުވަހުގެ ޝެޑިއުލް މިހާރު ބައްޓަންވެފައި ވަނީ މަސައްކަތުގެ އިތުރުން ބޭހާއި ސިއްހީ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ. ހަށިގަނޑުގެ ބެލެންސް މަޑުމަޑުން ނެތިގެންދާ ކަމަށާއި، އެކަން ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ޔޯގާ، ނޭވާ ކަސްރަތު އަދި ހަރަކާތްތެރިވުމުގެ ތަމްރީނު މުހިންމުކަން އޭނާ ފާހަގަކުރިއެވެ. ފަޓުލޫނު ލާއިރު ވެސް ޑޮކްޓަރު ބުނަނީ އިށީނދެގެން ލުމަށެވެ.

މިކަން ހުރިހާ އެންމެންނަށްވެސް ކުރިމަތިވާނެ ކަމަށާއި، ޒުވާންކަން ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާއިރު، އުމުރުން ދުވަސްވުމުން ދިރިއުޅުމުގެ ވެހިކަލަށް "ސްޕީޑް ބްރޭކް" އަޅުވާނެ ކަމަށް ބުނެފައިވެއެވެ. އޭނާގެ ވާހަކަ ނިންމާލީ ފަލްސަފީ ގޮތަކަށެވެ. އުމުރުން ދުވަސްވުމުގެ މިކަމާ ދެކޮޅަށް ހަނގުރާމަ ކުރެވުނު ނަމަވެސް، މިކަން ނުވެ ނުދާނެކަމަށެވެ. ހަގީގީ ހިތްހަމަޖެހުން ހޯދޭނީ އަމިއްލަ މަގްސަދުތައް ފުރިހަމަކޮށް، ކުރިއަށް އޮތް ކަންތައްތަކަށް ތައްޔާރުވުމުން ކަމަށް އޭނާ ބުންޏެވެ.

މަސައްކަތުގެ ގޮތުން، އަމީތާބު ބަޗަންގެ ކުރިއަށް އޮތީ ރިބޫ ދާސްގުޕްތާގެ "ސެކްޝަން 84" ފިލްމެވެ. އަދި "ކަލްކީ 2898 އޭޑީ" ގެ ސީކުއެލްގައި އަޝްވަތާމާގެ ރޯލު އަދާކުރާނެ އެވެ. މިފިލްމުގެ ޕްރޮޑަކްޝަން މި އަހަރުގެ ޑިސެމްބަރު މަހު ފެށޭނެ އެވެ. މިހާރު އޭނާ ގެންދަނީ "ކޯން ބަނޭގާ ކްރޯރެޕަތީ ސީޒަން 17" ހޯސްޓުކުރަމުންނެވެ.