އެމެރިކާގެ ސިންސިނާޓީގައި ކުރިއަށްދާ ސިންސިނާޓީ އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގެ މެދުތެރެއިން ޖަނިކް ސިނާ މެޗު ދޫކޮށްލުމުން، ކާލޮސް އަލްކަރާޒަށް ޗެމްޕިއަންކަން ޔަގީންވެއްޖެއެވެ.
ރޭގެ ފައިނަލަށް ސަޕޯޓަރުން ކެތްމަދުވެފައި ތިބި އިރު، އަލްކަރާޒާއި ސިނާއަކީ މިވަގުތު ޓެނިހުގެ އެންމެ ބޮޑު ދެ ވާދަވެރިންނެވެ. ދާދިފަހުން ދެ ކުޅުންތެރިންވެސް ބޮޑެތި ބައެއް ފައިނަލްތަކުގައި ވާދަކޮށްފައިވާ އިރު، ފްރެންޗް އޯޕަންއާއި އިޓާލިއަން އޯޕަން ފައިނަލުގައި އަލްކަރާޒް ވަނީ ސިނާ ބަލިކޮށްފައެވެ. އެހެން ނަމަވެސް، އެންމެ ފަހުން ކުޅުނު ވިމްބަލްޑަން ފައިނަލުގައި ސިނާ ވަނީ އަލްކަރާޒް ބަލިކޮށް، ދުނިޔޭގެ އެއްވަނަ މަގާމު ދަމަހައްޓައިފައެވެ.
ސިނާ މެޗަށް ނުކުތީ 2015 ވަނަ އަހަރު ރޯޖާ ފެޑެރާ ހޯދި ކާމިޔާބީ ތަކުރާރުކޮށް ސިންސިނާޓީ ތަށި ދިފާއުކުރުމަށް ނަމަވެސް، 23 މިނެޓް ފަހުން އޭނާ މެޗު ދޫކޮށްލިއެވެ. އެއީ މީގެ އެއް ދުވަސް ކުރިން ބަލިވުމާ ގުޅިގެން، މެޗުގައި ފިޓްނަސް ނުހިފެހެއްޓިގެންނެވެ.
ސިނާ، މެޗު ފެށިއިރުވެސް ވަރުބަލިކޮށް ފެނިފައިވާ އިރު، ފުރަތަމަ ގޭމް އަލްކަރާޒް ގެންދިޔައީ 5-0 އިންނެވެ.
އެހިސާބުން ސިނާ ވަނީ ޓްރެއިނަރާ ވާހަކަ ދައްކައި، މެޗު ނުކުޅެވޭނެ ކަމަށް ނިންމައިފައެވެ. އޭނާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައިވާ އިރު، އޭނާ ބުނީ ބަލިގަނޑުން ރަނގަޅުވެ ވީ އެންމެ އަވަހަކަށް އެނބުރި އަންނާނެ ކަމަށެވެ.
ސިނާ ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ހާޑް ކޯޓުގައި ކުޅުނު 26 މެޗުން އޭނާ ވަނީ މޮޅުވެފައެވެ.
ރޭގެ ތަށްޓާއެކު އަލްކަރާޒް ބުނީ ސިނާއަކީ ޗެމްޕިއަނެއް ކަމަށާއި، ވަރުގަދަކޮށް އެނބުރި އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސިންސިނާޓީ އޯޕަންގައި ސިނާއަށް އަދި މިކްސް ޑަބަލްސް ފައިނަލް އެބައޮތެވެ. އެމެޗުގައި ސިނާއާއި ޕާޓްނަރު ކެތެރީނާ ސިނިއަކޯވާ ނުކުންނާނީ އަލްކަރާޒާއި އީގާ ސްވިއަޓޭކާ ދެކޮޅަށެވެ. މިހާރު ހާލަތު ހުރި ގޮތުން ސިނާ އެމެޗުވެސް ދޫކޮށްލާފާނެ ކަމަށް ބެލެވެއެވެ.
މުޙައްމަދު ޝަމްޢޫން
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް