ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މި ސަރުކާރުން ވަނީ ކުރީ ސަރުކާރުގެ ފްލެޓް ލިސްޓުގެ ތެރެއިން ސަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކޮށްފައެވެ.

ފްލެޓު ލިސްޓުން ނަން އުނިކުރި މީހާގެ ދިފާއުގައި ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް ވިދާޅުވީ، އެ މައްސަލައިގައި އެދިފައިވާނީ މައުލޫއީ މައްސަލަ ކޯޓަށް ވެއްދެންދެން މިހާރު ނަންބަރު ދީފައި އޮތް ފްލެޓް އެހެން ފަރާތަކަށް ދޫކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

މި މައްސަލައިގައި ނިޝާނާއެކު ވާހަކަދައްކަވަމުން، މާލޭ ސިޓީ ކައުންސިލުގެ މެމްބަރު ސައިފް ފާތިހު ވިދާޅުވީ އެގޮތަށް ދިމާވެފައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ކޯޓަށް ވައްދައި ހައްގު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ސައިފް ވަނީ އަމިއްލައަށްވެސް އެފަދަ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ވެއްދުމަށް ގޮވާލައްވައިފައެވެ.

ގެދޮރުވެރިޔާ ފްލެޓް ލިސްޓަށް ބަދަލުތަކެއް ގެނެސް މި ސަރުކާރުން އާންމުކުރި ނަމަވެސް، ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭށެވެ. ނަމަވެސް އެކަން ކުރުމުގައިވެސް ސަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ގެދޮރުވެރިޔާގެ ފްލެޓްތައް ހަދަން ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެވެ. އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ.