ޓްރީ ޓޮޕް ހޮސްޕިޓަލާއި، ހއ. އަތޮޅު ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހއ. ދިއްދޫގައި ބޭއްވި ދެ ދުވަހުގެ ސިއްހީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދިއްދޫގައި އެ ކޭމްޕް ކުރިއަށްގެންގޮސްޕައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. އެ ކޭމްޕަކީ އުތުރުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޭއްވުނު އެންމެ ބޮޑު ސިއްހީ ކޭމްޕެވެ.

ފުޅާ ދާއިރާއެއްގައި ދެވުނު ހިދުމަތްތައް

އެ ކޭމްޕްގައި ދިއްދޫ އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ 336 ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވުނެވެ. ކޭމްޕްގައި 8 ސްޕެޝަލިސްޓުން ބައިވެރިވެ، ހިތުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ނޭފަތް، ކަންފަތް އަދި ހުރަނދުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ކެއިންބުއިމުގެ ނިޒާމުގެ ފަދަ ދާއިރާތަކުން ހިދުމަތް ފޯރުކޮށްދިނެވެ. ކޭމްޕްގައި ބައިވެރިވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުން ހިމެނެއެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގެ އެހެނިހެން ފަންނުވެރިންވެސް އެ ކޭމްޕްގައި ބައިވެރިވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޭމްޕްގައި ބައެއް ބަލިތަކަށް ބޭނުންވާ ބޭސްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް މެޑިކަލް ޓެސްޓުތައްވެސް ހިލޭ ހަދައިދެވުނު ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި، ހއ. އަތޮޅު ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހއ. ދިއްދޫގައި ބޭއްވި ސިއްހީ ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ މަސައްކަތްތައް

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ކުރިއަށްގެންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން، މީގެ ކުރިން ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށީގައިވެސް މިފަދަ ކޭމްޕްތައް ވަނީ ބާއްވައިފައެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމު ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި 3,800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން ވަނީ ފޯރުކޮށްދީފައެވެ.

ރައްޔިތުންގެ ތަރުހީބު

ކޭމްޕްގައި ބައިވެރިވި ގިނަ ރައްޔިތުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެ ހިދުމަތާ މެދު ހިތްހަމަޖެހޭކަން ވަނީ ފާޅުކޮށްފައެވެ.

"މިފަދަ ހިދުމަތްތައް އަތޮޅުތެރެއަށް ގެނެސްދިނުމަކީ ވަރަށް މުހިންމުކަމެއް. ގިނަ ފަހަރަށް ސްޕެޝަލިސްޓުންނަށް ދެއްކުމަށް މާލެ ދާންޖެހުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް," ކޭމްޕްގައި ބައިވެރިވި މީހަކު ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި، ހއ. އަތޮޅު ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހއ. ދިއްދޫގައި ބޭއްވި ސިއްހީ ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ސިއްހީ ހިދުމަތް ލިބުން ދަތި ސަރަހައްދުތަކުގައި މިފަދަ ކޭމްޕްތައް ބޭއްވުމަށް ރާވަމުންދާ ކަމަށާއި، މިކަމުގައި ސަރަހައްދީ ބައިވެރިންނާއެކު މަސައްކަތްކުރާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.