ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމުކޮށް ދުވާރު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެ މަސައްކަތަކީ، 4000 ފްލެޓުތަކުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެޗްޑީސީން މިއަދު ބުނީ ފޭސް ދޭއްގެ ގެދޮރުވެރިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގެ ނިރޮޅުމަގުގައި ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން އިތުރު ބަސް ސްޓޮޕްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

18 އޯގަސްޓް 2025، ގެދޮރުވެރިޔާ ފްލެޓު ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމުކުރުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އެޗްޑީސީ

އޭގެ އިތުރުން، އެ ސަރަހައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، މަގުތައް މަރާމާތުކުރުމާއި، ދުވާރު ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަސައްކަތްތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓުގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމަށްވާ އިރު، އެ ފްލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމުކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.