ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.

ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ފުލުހުންގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެ އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

18 އޮގަސްޓު 2025، ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި ލޯންޗުތައް ----- ފޮޓޯ: ޕޮލިސް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޖަޕާނުން ހަދިޔާކުރި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ނަވީން ވިދާޅުވިއެވެ. އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ، ގާބިލުކަން އިތުރުވެގެންދާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.

އެ އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލްކަމާއެކު ބޭނުންކުރާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.

ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވީ އެ އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ސަފީރު ވިދާޅުވީ އެ އެހީތެރިކަމުގެ ސަބަބުން، ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

18 އޮގަސްޓު 2025، ޖަޕާން ސަރުކާރުން، ދިވެހި ފުލުހުންގެ ކުރިއެރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ އަގުވަޒަންކޮށް ފުލުހުންގެ މުއައްސަސާގެ ފަރާތުން ޖަޕާން ސަރުކާރަށް ހަނދާނީ ފިލާއެއް އަރުވަނީ ---- ފޮޓޯ: ޕޮލިސް

ޖަޕާން ސަރުކާރުގެ އެ އެހީއަކީ ފުލުހުންގެ ދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުން އަންނަ އެއްބާރުލުމުގެ ދަށުން ފޯރުކޮށްދިން އެހީތެރިކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ.

ފުލުހުންގެ ކުރިއެރުމަށާއި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް ޖަޕާން ސަރުކާރަށް ވަނީ ދީފައެވެ. އެ ފިލަޔާ ހަވާލުވެވަޑައިގެންނެވީ ސަފީރު ސަފީރު އިޝިގާމީ ރުމިކޯއެވެ.