މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށާއި އެހެންވެ އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ މަސް މާރުކޭޓު ހަވާލުކޮށްފައިވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާއެވެ.

މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މާލޭ ރޯމަސް މާރުކޭޓާއި އެއާ ގުޅުވައިގެން އެ ތަނުގެ މަތިންދޭ ފިހާރަ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ގައެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ދޫކުރުމުގެ އެއްބަސްވުމުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ކޮންޓްރެކްޓުގައި ފުށޫއެރުންތަކެއް އެބަހުރި ކަމަށާއި އެގޮތުން ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000 ރުފިޔާއަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000 ރުފިޔާއަށް ކަމަށެވެ. އެތަނުގެ ކަރަންޓު ބިލަށް 437،926 ރުފިޔާ ނުދައްކާ އެބައޮތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"މިހާރު އޮތް ކޮންޓްރެކްޓުގައި ފުށުއަރާ ކަންކަން ހުރީމާ އެންމެ ރަނގަޅު ގޮތަކީ އަލުން ކުރިއަށް ގެންދިއުން ކަމަށް ފެންނަނީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ދޫކުރުމާ ބެހޭ ލިޔުންތައް ދެން އޮންނަ ކައުންސިލްގެ ބައްދަލުވުމެއްގައި ހޯދައި މަޝްވަރާތައް ކުރައްވާނެ ކަމަށެެވެ.