މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދު މާދަމާގެ ނިޔަލަށް ހުސްކުރަން ފިޝަރީޒް މިނިސްޓްރީން އަންގައިފިއެވެ.
މި މަޝްރޫއަކީ މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓުތައް އެއް އިމާރާތަކަށް ގެނައުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަސައްކަތް މިއަހަރުގެ މާޗު މަހު ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް މަސައްކަތް ހަވާލުކުރި ފަހުން ފަސްމަސް ދުވަސް ވެގެންދިޔައިރުވެސް އަމަލީ މަސައްކަތް ފެށިފައިނުވަނީ އެކަމަށް ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ނުވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މިނިސްޓްރީން އޭރު ބުނެފައިވަނީ ބިން ނުލިބުމުގެ ސަބަބުން ކޮންޓްރެކްޓަރަށް ދީފައިވާ މުހުލަތުގައި މަސައްކަތް ފެށުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ތައިސޭ ކޮށި ބިއްދޮށުން އޮތް ބިމެއްގައި ވަގުތީ މާރުކޭޓެއް ވަނީ ތަރައްގީކޮށްފައެވެ. އަދި އެތަނުން ވިޔަފާރިވެރިންނަށް ގޮޅިތައް ވަނީ ދޫކޮށްފައެވެ. އެގޮތުން ވަގުތީ މާރުކޭޓުގައި ޖުމްލަ 124 ގޮޅި ހިމެނޭއިރު، ލިބުނު ސަރަހައްދުން މިވަގުތު ނެގިފައިވަނީ 96 ގޮޅި ކަމަށާއި ބާކީ 28 ފަރާތަށް ގޮޅި ހަމަޖެއްސުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށްޓަކައި ލޯކަލް މާރުކޭޓު ހުރި ބިން މާދަމާގެ ނިޔަލަށް މުޅިން ހުސްކޮށް ހަވާލުކުރުމަށް އަންގާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވާނެ އެންމެ ފަހުގެ ނޯޓިސް މާދަމާގެ ނިޔަލަށް ދީފައި، އެތަން މާދަމާއަށް ހުސްކޮށް އަޅުގަނޑުމެންނާ ހަވާލުކުރަން" އޮފިޝަލް ވިދާޅުވިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މާރުކޭޓް ކޮމްޕްލެކްސް މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. އެ އިމާރާތް ނިމޭއިރު ހަ ބުރީގައި ޖުމްލަ 85,000 އަކަފުޓުގެ ޖާގަ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރޭގައި ބޭސްމަންޓް ޕާކިންއާއި ތަޅުމުގައި މަސް މާރުކޭޓު އަދި ތިން ބުރީގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޓެރަސްގައި ފުޑް ކޯޓެއް ހެދުމާއި ފަސް ލިފްޓާއި ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުމަށްވެސް ރޭވިފައިވާ ކަމަށް ބުނެފައިވެއެވެ.
އެ މާރުކޭޓު ހިންގުމަށް ހަވާލުކުރާނީ މިފްކޯއާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަލީ ޔާމިން
އެއްގަމު އުޅަނދު
ހުޅުމާލެ ފޭސް 2
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް