ލ. ކައްދޫގައި ރޭ ހިނގި އެކްސިޑެންޓުގައި މަގުހުރަސްކުރަނިކޮށް އަނިޔާވި ދެވަނަ އަންހެންމީހާގެ ހާލު ރަނގަޅު ކަމަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ އެކްސިޑެންޓު ހިނގީ ރޭ 7:20 ހާއިރު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު 64 އަންހެން މީހާ ވަނީ ފަރުވާދެމުން ދަނިކޮށް ރޭ މަރުވެފަ އެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުލް ހަންނާނު "ވަން"އަށް މިއަދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެވަނަ އަންހެންމީހާގެ އަތް ބިންދައިގެން ދިއުން ފިޔަވައި އިތުރު އަނިޔާލެއް ނުލިބޭ ކަމަށެވެ. އޭނާ އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ހަންނާން ވިދާޅުވި އެވެ.