ޕާކިސްތާނަށް ވިއްސާރަވެ 194 މީހުން މަރުވެއްޖެއެވެ.

ކަޝްމީރުގެ ޕާކިސްތާނު ކޮންޓްރޯލްކުރާ ފަޅިޔަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުތެގޭ 194 މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މަރުވި މީހުންގެ ތެރެއިން 180 މީހުންނަކީ އެހިސާބު ފަރުބަދަމަތީ ސަރަހައްދުގެ ހައިބާ ޕަކްތުންކަވާ ސަރަހައްދުގެ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސަރަހައްދުން 30 ގެއެއް އެއްކޮށް ހަލާކުވެފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

އޮފިޝަލުން ވަނީ މިހާތަނަށް 60 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާކަަމަށާއި އަނިޔާވި މީހުންގެ އަދަދު އަދި ޔަގީން ވެފައި ނުވާކަމަށް ބުނެފައެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ހެލިކޮޕްޓަރެއްވެސް ވެއްޓިފައިވާއިރު އެއިން ދަތުރުކުރި ފަސް ފަޅުވެރީންވެސް ވެސް މަރުވެފައިވެއެވެ.

ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ އެގައުމަށް ކުރަމުން ދާ ވިއްސާރަ މިމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެ ކަމަށް ބުނެފައެވެ. އަދި އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުގައި ދިރިއުޅޭ މީހުން ސަމާލުވުމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.