ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނެސްފައިވަނީ 64 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ 7:40 އެހާކަންހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހެޑް އިންޖަރީ ހުރި ވަރަށް ބޮޑަށް. ހާލު ވަރަށް ކްރިޓިކަލް، ދެފައި ބިނދިފައި ވަނީ ކަށިމަތި ހިސާބުން" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އަންހެން މީހާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން މިރޭ ބުނީ މަގު ހުރަސް ކުރި ދެމީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެ އެންމެނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ލ. މާވަށް މީހެކެވެ. ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލައިފައެވެ.

އެ އެކްސިޑެންޓު ހިނގައިފައިވަނީ އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް، ދުއްވައިފައި އައި ސައިކަލަކުން ޖެހިގެންނެވެ.

އެ ސައިކަލް ދުއްވަން އިން ފިރިހެން މީހާވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެގޮތުން އޭނާގެ މޫނު މަތި ޒަހަމްވެފައިވެއެވެ.