ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީން ބުނިގޮތުގައި "މަދިރިން ރައްކާ" ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާ ފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް އެޗްޑީސީން ކޮންމެ އަހަރުވެސް އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

އެގޮތުން، މަދިރިން ރައްކާ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ވަނީ ފަށައިފައެވެ. ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައެވެ.

ހުޅުމާލޭގެ މަގުތައް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. -- (ފޮޓޯ/ އެޗްޑީސީ)

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރަން އެޗްޑީސީން އެދެ އެވެ.