ޓޫރިޒަމަށް ދޫކޮށްފައިވާ ބ. އަތޮޅު މާމަޑުއްވަރީގެ އެއްބަސްވުން ގާނޫނީ އިމުގެ ތެރެއިން ބާތިލުކޮށް އެރަށް ބ. ހިތާދޫގެ އިހުތިސޯސްގައި ހިމަނަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މާމަޑުއްވަރިއަކީ، ހިތާދޫގެ ރައްޔިތުންނާ ތާރީހީ ގޮތުން ގުޅިފައިވާ ރަށެއް ކަމަށެވެ. ހިތާދޫގެ ރައްޔިތުން ވަނީ މާމަޑުއްވަރީގައި އެކިކަހަލަ މަސައްކަތްކޮށްގެން އިގްތިސޯދީ މަންފާ ހޯދައިފަައިކަމަށް ރައީސް ވިދާޅުވިއެވެ.

"ތާރީހީ ގޮތުން ބަލާއިރުގަ މީގެ ކުރީ ޒަމާނެއްގަ މިރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް ރަށެއް މާމަޑުއްވަރިއަކީ. މިހާރު ޓޫރިޒަމް އެގްރީމެންޓެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށްފަ އޮންނަތާ ދުވަސްތަކެއްވެފަ. އެހެންނަމަވެސް އެ އެގްރީމެންޓާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ ރަށެއްގެ ގޮތުގަ ޓޫރިޒަމް މިނިސްޓަރު އަޅުގަނޑަށް މައުލޫމާތު ދެއްވަނީ. ރަށުގެ ރައްޔިތުން ކުރީގަ ވަރަށް ބޭނުންތެރި ގޮތެއްގަ ބޭނުންކުރަމުންއައި ރަށެއް. ފަނުގެ ކަންކަމާ އަދި ދަތުރު ދިޔުމާ، އިގްތިސޯދީ މަސައްކަތްކުރުމާ، މިހުރިހާ ކަމަކަށް ފައިދާ ބޮޑު ރަށެއް" ރައީސް ވިދާޅުވިއެވެ.

ބ. މާމަޑުއްވަރި ----

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ގާތަށް އައިސް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، އެކަންތައް ކޮށްދިނުން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ.

"އެހެންވީމާ މިދެންނެވި އެގްރީމެންޓު ގާނޫނާއި ގަވައިދުގެ ތެރެއިން، އޮންނަ އުސޫލުގެ ތެރެއިން ނިމުމަކަށް ގެނެސް އެ ރަށް، މިރަށާއި، އެރަށަކީ މާމަޑުއްވަރި، ހިތާދޫއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

މާމަޑުއްވަރީގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަދި އެޓާނީ ޖެނެރަލް އޮފީހުން ކޮށް ނިމުނުހާ އަވަހަކަށް މާމަޑުއްވަރީ، ހިތާދޫގެ އިހުތިސޯސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ ތިބޭފުޅުން މިރަށުގެ ތަރައްގީއަށް، ހިތާދޫގެ ތަރައްގީއަށް އިންޑިވިޖުއަލް ރައްޔިތުންގެ އިގްތިސޯދީ ކުރިއެރުމަށް މުއްސަނދިކަން ހާސިލުވާ ގޮތަށް އެރަށުގެ ބޭނުން ކުރައްވާނެކަމަށް. މާމަޑުއްވަރީގެ ބޭނުން، އަޅުގަނޑު ބޭނުންވަނީ އާންމު ފަރުދުންގެ މުއްސަނދިކަން އިތުރުވާން. މުޅި ރަށަށް ކުރިއެރުން ލިބެން. އެހެންވީމާ މާމަޑުއްވަރި މި ދެންނެވި އެގްރީމެންޓް ނިމުމަކަށް ގެނެސް ތިބޭފުޅުންނާ ހަވާލުވާ ހިސާބުން އަޅުގަނޑު އެދެނީ މުޅ ރަށުގެ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެރަށް ތިބޭފުޅުން އިންޑިވިޖުއަލް ރައްޔިތުންނަށް، އާންމު ފަރުދުންނަށް ފައިދާވާ ގޮތަށް އެރަށުގެ ބޭނުން ހިފަން" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން މާމަޑުއްވަރީގެ ބޭނުންކުރާނީ އާންމު ދިރިއުޅުމަށް ތަނަވަސްކަން ހޯދަންކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ހިތާދޫގެ ތަރައްގީއަށްވެސް ކަންތައްތަކެއް ކޮށްދިނުމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއު ނިމިގެންދާއިރު ސިއްހީ މަރުކަޒުގެ ލެބޯޓަރީއާއި ޑައިލަސިސް ހިދުމަތަށް ބޭނުންވާ ޖާގަ ހަމަޖެހިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

13 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން ---- ފޮޓޯ: ރައީސް

ރަށުގެ ފުޓްބޯޅަ ދަނޑު، ވޮލީ ކޯޓު، ޒުވާނުންގެ މަރުކަޒު ނުވަތަ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު އަދި އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް މަގު ހެދުމުގެ މަސައްކަތް ކުރަން ކަމަށެވެ. ބައެއް ރަށްރަށުގެ މީހުން ތާރު އަޅައިގެން މަގު ތަރައްގީކުރަން ބޭނުން ނުވާއިރު އަނެއްބައި ރަށްރަށުގެ މީހުން ބޭނުންވަނީ ގާ އަތުރައިގެން މަގު ތަރައްގީކުރަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ބައެއް ރަށްރަށުގެ މީހުން ބޭނުންވަނީ އެއިން އެއްވެސް ގޮތަކަށް މަގުތައް ތަރައްގީ ނުކޮށް ފަސްގަނޑު ރަނގަޅުކޮށް، ރަނގަޅު ފެންހިންދާ ނިޒާމެއް އެކަނި ގާއިމު ކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މިރަށުގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް. މީގެން ކޮންމެވެސް އެއްގޮތެއް، ނިންމަވާ ގޮތަކަށް ކަައުންސިލާއި މިނިސްޓްރީީއާ މަޝްވަރާ ކުރެވިގެން ނިންމާ ގޮތަކަށް މަގު ހެދުމުގެ މަޝްރޫއެއް މިރަށުގަ ކުރިއަށް ގެންގޮސްދޭނެކަމަށް އަޅުގަނޑު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތާދޫގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕާޕަސް ހޯލެއް ހެދުމަށް ބިލްޑް އެންޑް ޑިޒައިން އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއްދީގެން މަޝްރޫއުތަކުގެ މަސައްކަތްތައް ފަށަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އިގްތިސޯދީ ހާލަތު ރަނގަޅުވެ މިހާރު ވައުދުތައް ފުއްދެން ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.