ކުރިން އޮންނަ ގޮތަށް ޑިސެމްބަރު މަހަށް ސްކޫލުތަކުގެ ބޮޑު ޗުއްޓީ ލިިބޭ ގޮތަށް، އަންނަ 2026 ވަނަ އަހަރުގެ ތައުލީމީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ވަގުތީ އެކެޑަމިކް ކަލަންޑަރު 2026 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށްފައެވެ.

މިހާރު ރާއްޖޭގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެނީ އޮގަސްޓް މަހުގެ ތެރޭގައެވެ، މިއީ ކޮވިޑާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ގެނައި ބަދަލެކެވެ. ނަމަވެސް އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ދިމާވާ ދުވަސްތަކަކަށްވުމުން، ގިނަ ބެލެނިވެރިންނާއި ޓީޗަރުންގެ ޗުއްޓީއަށް ބުރޫއަރާގޮތްވާތީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންދިޔައެވެ.

ގިނަ ރައްޔިތުންތަކެއް އެދުމުގެ މަތިން ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި ވަނީ ކުރިން އޮތް ގޮތަށް ބޮޑު ޗުއްޓީ ބަދަލުކޮށްދެއްވާނެކަމުގެ ވައުދު ވެވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ވަގުތީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 27 ގައެވެ. މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. ފުރަތަމަ ޓާމު ނިންމައި ޗުއްޓީ ލިބެނީ ޖުލައި 17 އިން އޮގަސްޓް އެކަކަށެވެ.

އަންނަ 2026ގެ ދެވަނަ ޓާމް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު ދެވަނަ ދުވަހުއެވެ. އަދި 2026ގެ އަހަރީ ބޮޑު ޗުއްޓީ ހަމަޖައްސާފައިވަނީ 2026 ޑިސެމަބަރު 17 ގައެވެ. އެއަށްފަހު 2027ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ގައެވެ.