800 އަށްވުރެ ގިނަ ވެލާ ބޭރުކުރަން އުޅުނު މީހަކު އެމެރިކާގައި ޖަލަށް ލައިފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައިވާ ގޮތުގައި މިއީ އެ ގައުމުން ޗައިނާއަށް ބޭރުކުރަން މަސައްކަތް ކުރި 850 ވެލައެވެ. މި މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ޗައިނާ މީހެކެވެ.
ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ވެއި ޝިއަން ލިން ނަމަކަށް ކިޔާ އެމީހާ 2023 ވަނަ އަހަރުގެ އޮގަސްޓުން 2024 ވަނަ އަހަރުގެ ނޮވެމްބަރާ ދެމެދު 200 ޕާރުސަލެއްގައި އެ ވެލާތައް އެކްސްޕޯޓުކޮށްފައި ކަމަށެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، އޭނާ އެވެލާތައް ބަންދުކޮށްފައިވަނީ އިސްޓާކީނަށް ލައިގެން އޭގެ ބޭރުގައި ކުޅޭ އެއްޗެހި ކަމަށް ލޭބަލް ކޮށްގެންނެވެ.
އެމެރިކާގައި މަދުން ފެންނަ އަދި އެ ގައުމުގައި އަގުބޮޑުކޮށް ވިއްކާ ބާވަތުގެ ވެލާ މީގެ ތެރޭގައި ހިމެނޭއިރު އޮފިޝަލުން ވަނީ މި ވެލާތަކުގައި 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުންނާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ކޯޓުން ވަނީ ލިން ޖުމްލަ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ