ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންގެންދާ ހެލްތު ކޭމްޕް، މިފަހަރު ހއ. ދިއްދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ މި ހަފުތާ ބަންދުގައި، ހުކުރު އަދި ހޮނިހިރު ދުވަހު ހއ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ދިއްދޫ އަދި ކައިރި ރަށްތަކާއި ރިސޯޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމަށެވެ.

މިއަހަރުގެ އޭޕްރިލް އަދި މެއި މަހުގައި ތ. ވޭމަންޑޫ އަދި ދ. ކުޑަހުވަދޫގައި ހެލްތު ކޭމްޕް ބާއްވާފައިވާ އިރު، މިއީ އެ ހޮސްޕިޓަލުން މިއަހަރު ކުރިއަށްގެންދާ ތިންވަނަ ހެލްތު ކޭމްޕެވެ.

މީގެ ކުރިން 2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައިވެސް އެފަދަ ހެލްތު ކޭމްޕެއް ވަނީ ބާއްވައިފައެވެ. އެގޮތުން މިހާތަނަށް ބޭއްވި ހެލްތު ކޭމްޕްތަކުގައި 3500 އަށްވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދައިފައެވެ.

އެ ހެލްތު ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.

ދިއްދޫގައި ބާއްވާ ހެލްތު ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުން:

  • ޑރ. މޫސާ މަނިކް އިބްރާހިމް - ހިތުގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. މުހައްމަދު ހަބީބު - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. އަލީ މުޒުނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. ރާޖޭޝް ވާލަންދް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ރީބާ މޭރީ ތޮމިޗިއަން - ކާބޯތަކެތީގެ މާހިރު
  • ޑރ. ތެހްޒީބް ފާރުގީ - ފުއްޕާމޭގެ ބަލިތަކުގެ ކޮންސަލްޓަންޓް
  • ޑރ. ޕްރީތީ ސޮލޮމޮން - އަންހެނުންގެ ހާއްސަ ބަލިތަކުގެ ކޮންސަލްޓަންޓް