ބ. ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާ އަޅައިފިއެވެ.

އެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިން ފެހެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފެހެންދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަން އެޅުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް އަދި ބ. ފެހެންދޫ ކައުންސިލުގެ ރައީސް ޖާދުއްﷲ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

12 އޮގަސްޓު 2025: ބ. ފެހެންދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތުން --- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަން ނެތްކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުން އެދޭ ގޮތަށް ރައީސް މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހޯމްލޭންޑް މިނިސްޓަރު އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްކުރާނެ ކަމަށެވެ.